May 24, 2009

އީގާން ބަދީޢު -– ތެޔޮކުލައިން ދިވެހިރާއްޖ

Eagan Badeeu Exhibtion Opening at NAG 21 May 2009, photo Ahmed Zahid

Eagan Badeeu Exhibtion Opening at NAG 21 May 2009, photo Ahmed Zahid

 

އީގާން ބަދީޢު ކުރެހުމަށް ޝައުޤުވެރިކަން އުފެދުނީ އަދި ކުރަހަން ދަސްކުރީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަން އުޅުނުއިރުގައެވެ. އަދި މިއަށްފަހު އޭނާ އަމިއްލައަށް މިދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކާއިއެކު އަދި ފޮތް، ފިލްމު ފަދަ ތަކެތި ބަލައިގެން ކުރެހުމުގެ އުކުޅުތައް ދަސްކޮށް، ޢާންމުކޮށް ޢާމްދަނީއެއް ހޯދުމުގެ ގޮތުންވެސް ކުރާ މަސައްކަތަކީ ކުރެހުމާއި އަދި މިއާއި ގުޅިފައިވާ އިލަސްޓްރޭޝަން އަދި ޕެއިންޓިންގްފަދަ މަސައްކަތްތައް ކަމުގައި ހެދިއެވެ.

އީގާން ބަދީޢު ކުރެހުމުގެ މަސައްކަތްތަކުގެ ތެރެއަށް ވަރަށް ޅައުމުރުގައި ވަރަށް ބޮޑަށް ވަދެއްޖެއެވެ. މިގޮތުން، އެކިއެކި ފޮތްތަކަށް ބޭނުންވި ކުރެހުންތަކާއި އަދި ސްވެނިއަރ މާކެޓަށް އަމާޒުކޮށްގެން ހެދި ކުރެހުންތަކާއި އަދި ޓީޝާޓްގައި ސްކްރީން ކުރުމާއި ތައްގަނޑު ޖެހުން އަދި ކޮންމެވެސް ވަރަކަށް ގްރެފިކް ޑިޒައިނާއި ލޭއައުޓްގެ މަސައްކަތްތައްވެސް ކުރިއެވެ.  

ކުރެހުމޭ އަޅުގަނޑުމެން ދިވެހިން ބުނާއިރު، ލަފްޒީގޮތުން މި ބުނެވެނީ ހަމަ ކުރެހުމުގެ މާނައިގައެވެ. އެހެންނަމަވެސް، އަޅުގަނޑުމެން ދިވެހި ބަހުގެ ތެރެއަށް މިހާރު ވަދެފައިވާ ‘އާޓު’ މިބަހުން ދޭހަކޮށްދެނީ ހަމައެކަނި ކުރެހުމެއް ނޫނެވެ. އާޓުގެ ތެރޭގައި، ކުރެހުމާއި، ޕެއިންޓިންގާއި ސްކަލްޕްޗަރ ހެދުމާއި އަދި މީގެ އިތުރުން، އަދި ވިޝުއަލް އާޓްގެ ބޭރުން، މިއުޒިކާއި ނެށުމަކީވެސް ހަމަ އެކި ކަހަލަ އާޓް ފޯމްތަކެވެ. ދިވެހިރާއްޖޭގައި ނެޝަނަލް އާޓް ގެލެރީއެއް އުފައްދަންވެގެން ބޭއްވުނު ބައްދަލުވުންތަކުގައާއި، ރަސްމީ ސިފައެއްގައި ނެޝަނަލް އާޓް ގެލެރީ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އަދި ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ގެލެރީ ހިންގާން ފެށުން ފަހުންވެސް، އަދި ޢާންމުންނަށާއި ދިވެހި އާޓިސްޓުންނަށް ގެލެރީ ހުޅުވަަންވެގެން ބޭއްވުނު އެކިއެކި ބައްދަލުވުންތަކުގައިވެސް، ގެލެރީގެ ނަމާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ދެކެވި ޚިޔާލުތަކެއް ހުށަހެޅިފައިވެއެވެ. މިގޮތުން އެންމެ ފުރަތަމަ ނެޝަނަލް އާޓް ގެލެރީއަށް ދިވެހިން ‘ޤައުމީ ފަންނުވެހި’ ކިޔުނެވެ. މިއީ ފުރަތަމަ ގެލެރީއަށް ރައީސް އޮފީހުން ދެއްވި ނަމެވެ. ގެލެރީ އުފެއްދެވި ލިޔުންތަކަށް ބަލާއިރުގައި ގެލެރީ އުފައްދަވާފައިވަނީ 1999ގައި އޮތް ކެބިނެޓަށް ހުށަހެޅި، ކެބިނެޓުން ނިންމުނު ނިންމެވުމަކަށެވެ. އަދި މިއަށްފަހު، ނެޝަނަލް އާޓް ގެލެރީއަށް ލަފާދެއްވުމަށްޓަކައި އުފެއްދެވި ކޮމެޓީއަކުން، ގެލެރީ ޢާންމުންނަށް ހުޅުވާލުމުގެ ކުރިން، ނެޝަނަލް އާޓް ގެލެރީއަށް ދިވެހިންވެސް އަދި އިނގިރޭސިންވެސް ކިޔާނީ ހަމަ މިހެން - ނެޝަނަލް އާޓް ގެލެރީ - ކަމުގައި ނިންމުނެވެ. އަދި މިގޮތް ސަރުކާރުންވެސް ޤަބޫލުކުރައްވާ 2005 ވަނަ އަހަރު ރަސްމީކޮށް ނެޝަނަލް އާޓް ގެލެރީ ހުޅުވުނެވެ.

 

Eagan Badeeu Exhibtion Opening 21 May 2009, photo Ahmed Zahid
Eagan Badeeu Exhibtion Opening 21 May 2009, photo Ahmed Zahid

އީގާން ބަދީޢުއަކީ ކުރަހާ މީހެކޭ ބުނުމާއި އޭނާއަކީ އާޓިސްޓެކޭ ބުނުމާއި ތަފާތެވެ. ކުރިންވެސް ދެންނެވި ފަދައިން، ކުރެހުމުގެ އިނގިރޭސި ލަފްޒީ މާނައަކީ ‘ޑްރޯއިންގ’ މިއެވެ. އެކަމަކު، އާޓު، މި އިނގިރޭސި ބަހަށް ކިޔާ ދިވެހި ނަމެއް ނުވެއެވެ. ބަސް ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ތަންކޮޅެއް ކުރީގެ، މިހާރު ބޭނުން ނުކުރާ ބަހެއް ކަމުގައިވާ ‘ސިޢާ’ އަކީ އާޓް މިބަހުގެ މާނަ ދޭހަވާ ބަހެއް ކަމުގައި ވިދާޅުވެއެވެ. އެހެންނަމަވެސް، އާޓް ގެ ކޮންސެޕްޓް، ނުވަތަ ވަރަށް ފަހުން އަޅުގަނޑުމެންގެ ތެރޭގައި ބޭނުންކުރެވެންފެށި ޢަރަބި ބަހެއް ކަމުގައިވާ ‘މަފްޙޫމް’ ދިވެހިންގެ ތެރޭގައި އެހާ ބޮޑަށް އަށަގެންފައިވާކަމަށް ލިޔެވިފައިވާ ތާރީޚުން ފެންނާކަށް ނެތެވެ. މި ކަހަލަ އެހެން ކޮންސެޕްޓްތައްވެސް އަޅުގަނޑުމެންގެ ތެރޭގައި ނެތްކަން ފާހަގަ ކުރެވެއެވެ. މިސާލަކަށް ‘ހިއުމަން ރައިޓްސް’ ނުވަތަ އިންސާނީ ޙައްޤުތަކުގެ ކޮންސެޕްޓް ޢާންމުގޮތެއްގައި އަޅުގަނޑުމެންގެ ތެރެއަށް (ރަސްމީ ސިފައެއްގައި) ތަޢާރަފް ވީއިރުގައި، އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ވަރަކަށް މި ބަހުޘް ކުރެވުނެވެ. އެއްބަޔަކު ބުނަމުން ގެންދިޔައީ ދިވެހިންގެ ތެރޭގައި އިންސާނީ ޙައްޤުތަކަކީ ކޮން އެއްޗެއްކަން ވަނީ މާކުރިއްސުރެ ވިސްނިފައިކަމުގައެވެ. އަދި މި ޙައްޤުތައް ޤާނޫނުތަކުގައި ބަޔާން ކުރެވިފައިވާކަމަށްވެސް ގިނަ ފަރާތްތަކެއް ބުނަމުން ދިޔައެވެ. އެހެންނަމަވެސް، ދިވެހި މުޖްތަމަޢުއަށް އިންސާނީ ޙައްޤުތަކަކީ ޤާނޫނު އަސާސީން ލިބިދޭ އަސާސީ ޙައްޤެއްކަމުގައި ކަނޑައެޅި، އަދި މި ޙައްޤުތައް ދިވެހިންނަށް ވީ އެންމެ ފުރިހަމައަކަށް ލިބިދިނުން ކަށަވަރު ކޮށްދިނުމަށްޓަކައި ވަކި އިދާރާއެއް އުފައްދާ އަދި މިކަމަށް ޚާއްޞަ މަސައްކަތްތަކެއް ކުރާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުފެދިގެން މިއައީ ދާދި ފަހަކުންނެވެ. 

އާޓަކީ އޭގެ ޒާތުގައި އަޅުގަނޑުމެންގެ ތެރެއަށް އާ ކޮންސެޕްޓެކޭ މުޅިއަކުން ދެންނެވޭކަށްވެސް ނެތެވެ. މިހެނީ، އާޓް ކުރިއަރުވާ ދެމެހެއްޓުމަށްކައި ސަރުކާރުގެ މިނިސްޓްރީއަކާއި ހަވާލު ކުރެވިފައި ހުންނަތާވެސް މިހާރު އެތައް އަހަރެއް ވެފައިވާކެމެވެ. މިނިސްޓްރީ އޮފް އިންފޮރމޭޝަން އާޓްސް އެންޑް ކަލްޗަރގެ ނަމުގައި ސަރުކާރުގެ މިނިސްޓްރީއެއް އެންމެ ފުރަތަމަ އުފައްދަވާފައިވަނީ 1999ގައެވެ. އަދި އެއަށް ފަހު، 2008ގެ ނޮވެމްބަރުން ފެށިގެން  އާޓާއިބެހޭ ކަންކަން ސަރުކާރުން ބެލެހެއްޓެވުމުގެ ޒިންމާ ޙަވާލުވެފައި އޮންނަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާޓްސް އެންޑް ކަލްޗަރަށެވެ. އަދި މީގެ އިތުރުން، ރާއްޖެ އިސްލާމް ވުމުގެވެސް ކުރިން ހިރިގަލުން ހަދާފައިވާ އެކިއެކި ސްކަލްޕަޗަރ އަދި ޢިމާޜާތް ފަދަ ތަންތަނަކީވެސް ހަމަ ދިވެހިންގެ އާޓިސްޓިކް މަސައްކަތްތަކެވެ.

 2005ގެ އޮކްޓޯބަރު މަހު ނެޝަނަލް އާޓް ގެލެރީ ހުޅުވުނު ފަހުން މި ބޭއްވޭ އީގާން ބަދީޢުގެ ޕެއިންޓިންގ މަޢްރަޟަކީ ގެލެރީން ރާވާ އިންތިޒާމް ކޮށްގެން ބޭއްވޭ 14 ވަނަ މަޢްރަޟެވެ. މީގެ ތެރެއިން އާންމުކޮށް ހުޅުވާލައިގެން މިހާތަނަށް 2 މަޢްރަޟެއް ބޭއްވިފައިވެއެވެ. އެއީ ދިވެހީންގެ ޒަމާންތައް ދިވެހީންގެ ފިހީން (މޯލްޑިވްސް ކޮންޓެމްޕޮރަރީ) 2005 އަދި 2009އެކެވެ. މި މަޢްރަޟަކީ ކޮންމެ 3 އަހަރަކުން އެއް އަހަރު އާންމުކޮށް މަސައްކަތް ހުށަހެޅުމަށް ހުޅުވާލާ އިޝްތިހާރު ކޮށްގެން ބޭއްވުމަށް ރޭވިފައިވާ މަޢްރަޟެކެވެ. އަދި ކޮންމެވެސް ހިސާބަކުން މި މަޢްރަޟަށް އެހެން ޤައުމުތަކުންވެސް އާޓިސްޓުންނަށް ދަޢްވަތު ދިނުމަށް ވިސްނިފައިވެއެވެ..

“ތެޔޮކުލައިން ދިވެހިރާއްޖެ” މި މަޢްރަޟުގައި ދައްކާލެވޭ އީޤާން ބަދީޢުގެ ޕެއިންޓިންގްތަކުން ދައްކައިދެނީ މީގެ 20، 30 އަހަރު ކުރީގައި ދިވެހީންގެ ދިރިއުޅުމެވެ. ކުރީގައި ކިޔާގޮތުންނަމަ ‘ރަށްފުށުގެ’ ދިރިއުޅުމެވެ. މި މަންޒަރުތަކަކީ މިހާރު އެއްގޮތަކަށް ނުފެނުންވެސް އެކަށީގެންވާ މަންޒަރުތަކެކެވެ. ނޫނީ ވަރަށް މަދު ރަށަކުން ނޫނީ މިހާރު ނުފެންނާނެ އަދި ވަރަށް ބާރަށް އުވެމުންދާ އާދަކާދަތަކެއް ދައްކައިދޭ މަންޒަރުތަކެކެވެ. އަންހެނުން އަތިރިމަތީގައި ތެލިދޮންނަ މަންޒަރެވެ. ދާންޏަކުން ވަޅުން ފެންނަގާ މަންޒަރެވެ. ފަން ފުޅަތްޕާއި ފަނުން ހިޔާކޮށްފައި ހުންނަ ދަނޑިއާއި ފަނުން އިމާރާތްކުރެވިފައި ހުންނަ ގޭގެއެވެ. ފަންގި ވިޔާ މަންޒަރެވެ. ލަކުޑި ފާލަން ތަކާއި ގޮނޑު ދޮށުގައި މަސްކަނޑާ މަންޒަރެވެ. ކަނޑިކި އަދެގެން، ލިބާސްބުރި ލައިގެން، މިސްކިތު ވަޅުދޮށަށް ފެންބަލާ ދާ އަންހެން ވެރީންނެވެ. މިސްކިތު ގޯތިތެރޭގައި ހުންނަ ގަސް ދޮށުގައި ކުޅޭން ތިބޭ ކުޑަކުދީންނެވެ. ރަށު އެންމެން ބައިވެރިވެގެން ބޮޑު ބެރު ޖަހާ ނަށާ މަންޒަރެވެ. ރިޔާގައި ދަތުރުކުރާ ބައްތެއްޔާއި އެއްވެސް ކޮންކްރީޓުގެ އަސަރެއް ނެތް އަތުން ރާނާފައިވާ ފާރުތަކެވެ، އަދި ފިލާ ހިފައިގެން އެދުރު ދައިތައިގެ ގެއަށް ކިޔަވަން ގޮސް ތިބޭ މަންޒަރެވެ. 

 

Eagan Badeeu Exhibtion Opening 21 May 2009, Photo Ahmed Zahid
Eagan Badeeu Exhibtion Opening 21 May 2009, Photo Ahmed Zahid

އީޤާންގެ މަޢްރަޟަކީ ޝައުޤުވެރިކުރުވާ މަޢްރަޟަކަށްވަނީ ހަމައެކަނި މަޢްރަޟުގައި ހިމެނޭ ކުރެހުންތަކުން ދައްކައިދޭ މަންޒަރުތަކާއި ހެދިއެއް ނޫނެވެ. އެކަމަކު އެ މަންޒަރުތައް އުފެއްދުމަށްޓަކައި އޭނާ ބޭނުން ކޮށްފައިވާ އުކުޅުތަކާއި، ވަޞީލަތްތަކާއި އަދި ކަމުގެ ފާޑުވެރިކަމާއިވެސް ހެދިއެވެ. އާޓިސްޓުން ކުރާ މަސައްކަތަކީ ފަންނުވެރި މަސައްކަތެއް ކަމުގައިވެސް ވާއިރު، އާޓިސްޓިކް ގޮތުން ޤައުމަކަށް މުހިންމު މަސައްކަތްތަކަކީ އޭގައި މުޅި މުޖްތަމަޢުއަށް ފައިދާކުރާނެ މަޢްލޫމާތުތަކެއް ހިމެނިގެން އުފެއްދޭ މަސައްކަތްތަކެވެ. މިގޮތުން، މި މައްރަޟުގައި ހމެނިފައިވާ މަސައްކަތްތަކުން މި ފެންނަނީ މިހާރު މަޑުމަޑުން ގެއްލެމުންދާ ދިވެހިރާއްޖެއެކެވެ. އަދި މުޅިން އެއް ކޮށް ގެއްލިފައިވާ ރާއްޖެއެއްގެ މަންޒަރުތައް މި މަޢްރަޟުގައި ހުރުން އެކަށީގެންވެއެވެ. އެހެންނަމަވެސް، މިއީ ވަކި އެންމެ ސަބަބަކާއި ހެދި ނުވަތަ ވަކި ބަޔަކު ނުވަތަ މީހަކާއި ހެދި ގެއްލުނު ނުވަތަ ގެއްލިގެންދާ ރާއްޖެއެކޭ ބުނަން ދައްޗެވެ. އެކަމަކު މިއީ ކުރިއެރުމާއި ތަރައްޤީއާއި ޒަމާނަށާއި ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުމާއި ބަދަލުގެ ނަތީޖާކަމުގައިވެސް ދެންނެވިދާނެއެވެ. އެހެންނަމަވެސް، މި މަންޒަރުތަކަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ސިކުނޑިތަކުގައި ހަރުލާފައިވާ މަންޒަރުތަކެކެވެ. އަދި ބައެއް ޙާލަތްތަކުގައި، ބައެއް ފަހަރު، މިހާރަށް ވުރެ އާދައިގެ ސާދާ ދިރިއުޅުމެއްގެ ބޭނުމުގައި، އެ މަންޒަރުތަކުން ފެންނަ މާޙައުލުތަކަށް އެދެވޭ މަންޒަރުތަކެއްވެސް މެއެވެ. އަދި އަޅުގަނޑުމެން މިއަދު މިތިބަ ހާލަތަށް އާދެވުމުގެ ކުރިން ދިރުއުޅުނު ގޮތުގެ ވަރަށް ފުރިހަމަ އަންދާޒާއެއް މި ކުރެހުންތަކުން ލިބެއެވެ. އަދި އަޅުގަނޑުމެންގެ ދިވެހި ވަންތަކަށް ދެނެގަތުމުގައި އަދި އަޅުގަނޑުމެންގެ މާޒީއާއި ދިވެހި ވަންތަކަން އެކުލެވިގެންވާ ކަންކަންވެސް މި ޕެއިންޓިންގްތަކުން ދައްކައިދެއެވެ. 

 

Eagan Badeeu Exhibtion Opening 21 May 2009, photo Ahmed Zahid
Eagan Badeeu Exhibtion Opening 21 May 2009, photo Ahmed Zahid

މައްރަޟުގައި އެކުލިވެގިންވާ ހުރިހާ މަސައްކަތެއް އުފެއްދުމުގައިވެސް އީޤާން ބޭނުން ކޮށްފައިވަނީ ކެންވަސްއާއި ތެޔޮ ކުލައެވެ. އަދި އޭނާ ބޭނުން ކޮށްފައިވާ ސްޓައިލަކީ އިމްޕްރެޝަނިޒްމް އާއި އެކްސްޕްރެޝަނިޒްމްއާއި ދެމެދުގައިވާ ސްޓައިލެކެވެ. މިއީ 20ވަނަ ޤަރްނުގެ ކުރީކޮޅުގައި ޔޫރަޕުގެ އާޓިސްޓުން އުފެއްދި އަދި ވަރަށް ގިނަ ބައެއްގެ މަޤްބޫލުކަން ހޯދި ސްޓައިލެކެވެ. އަދި ވަކީން ޚާއްޞަކޮށް، ކުލަތައް ޚިޔާރުކުރުމުގައާއި ކުލަ ގުޅުވުމުގައި، އީޤާން ވަރަށް ހުށިޔާރުކޮށް، ވަރަށް ކުޅަދާނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މި މަޢްރަޟުގައި ދައްކާލެވޭ ހުރިހާ މަސައްކަތަކީވެސް ނެޝަނަލް އާޓް ގެލެރީން ކޮމިޝަން ކުރެވިގެން އުފެއްދުނު މަސައްކަތްތަކެކެވެ.

“ތެޔޮ ކުލައިން ދިވެހިރާއްޖެ” މިއީ އީޤާން ބަދީޢުގެ މަސައްކަތް އެކަނި ހިމަނައިގެން ބޭއްވޭ ފުރަތަމަ މަޢްރަޟެވެ. މީގެ ކުރީގައި އޭނާގެ މަސައްކަތްތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ގްރޫޕް އެގްޒިބިޝަންތަކުގައި ދައްކާލެވިފައިވެއެވެ. އޭގެ ތެރޭގައި މާލޭގައި އެސްޖެހި ގެލެރީގައި 2000 ވަނަ އަަހަރު ބޭއްވުނު ‘ފުނޯސް’، 2005ގައި ނެޝަނަލް އާޓް ގެލެރީގައި ބޭއްވުނު ‘ދިވެހީންގެ ޒަމާންތައް ދިވެހީންގެ ފިހީން’ 2007ގައި މާލޭގައި ފްރޭންކޯ މޯލްޑިވްސް އެސޯސިއޭޝަންގެ އިނޯގުރަލް އެގްޒިބިޝަން، 2008ގައި ބަންގްލާދޭޝްގެ ޑާކާގައި ބޭއްވުނު 13 ވަނަ އޭޝިއަން އާޓް ބައިއެނިއަލް އަދި 2009ގައި ނެޝަނަލް އާޓް ގެލެރީގައި ބޭއްވުނު ‘ދިވެހީންގެ ޒަމާންތައް ދިވެހީންގެ ފިހީން’ ހިމެނެއެވެ.

 

މަމްދޫޙް ވަހީދު

މެއި 2009

(މި ލިޔުން ނަގާފައ މިވަނީ ‘އީގާން ބަދީޢު - ތެޔޮކުލައިން ދިވެހިރާއްޖެ’، ކެޓެލޮގުން ނަގާފައެވެ.) 

 

 

 

 

 

May 23, 2009

Eagan Badeeu’s ‘Theyo Kulain Dhivehiraajje’, review by Hilath Rasheed

May 21, 2009

Sabina Manik’s Whimsical Poetry, Reviewd by Ifham Niyaz

Hassan Hykal Waheed - Ball Point Drawings

March 18, 2009

Atholhu – Platform for Artists Receives First Grant

March 13, 2009

The Soothing Anxiety of Blue - Samah Ahmed at the NAG

February 2, 2009

National Art Gallery’s 2009 Exhibtion Season Opens

December 21, 2008

Photo Story and Fine Art Workshop

December 16, 2008

Atholhu - Artists’ Association Registered

November 16, 2008

Maldivian Artists Participate in 13th Asian Art Biennale, 2008

Next Page »